މިރޭގެ ޖަލްސާ ވެސް ހޫނުވެގެން މެދުކަނޑާލައިފި


Image

މިރޭ 9:00 ގައި ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ވެސް ހޫނުވެގެން ހުއްޓާލުމަށް ފަހު އަނެއްކާ ވެސް މާދަމާ ހެނދުނު 10 ޖަހާއިރު ޖަލްސާ ބާއްވަން ނިންމައިފި އެވެ

.

މިރޭގެ ޖަލްސާ ފެށުމާ އެކު ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުން ވަނީ ރިޔާސަތުގެ ކުރިމައްޗަށް އެެއްވެ އަޑުގަދަ ކުރަން ފަށައިފަ އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވަމުން ގެންދެވީ ހެނދުނު ބާއްވަން އުޅުއްވި ހާއްސަ ޖަލްސާ އަދި ނުނިންމަވާ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއާ އިދިކޮޅު މެމްބަރުން ގެންދެވީ ދުންމާރި އާއި ކަށިގަނޑު ފުމެ އަޑުގަދަ ކުރައްވަމުންނެވެ. ޖަލްސާ މެދުކަނޑާލިކަން އިއުލާން ކުރެއްވި ފަހުން ވެސް ބައެއް މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިނގި މަންޒަރު ޓީވީން ފެނުނެވެ. އަދި އެމްޑީޕީއާ އިދިކޮޅު ބައެއް މެމްބަރުން ގެންގުޅުނު ދުންމާރި އެމްޑީޕީ މެމްބަރުން އަތުލި މަންޒަރު ވެސް ފެނުނެވެ.

ގާތްގަނޑަކަށް 15 މިނިޓް ފަހުން ޖަލްސާ މެދުކަނޑާލިކަން ރިޔާސަތުން އިއުލާން ކުރެއްވީ މެމްބަރުން އެއް ބަޔަކު އަނެއް ބައެެއްގެ ގައިގައި އަތްލައި ހަމަނުޖެހުމާ ހިސާބަށް ދާން ފެށުމުންނެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ގެ އަތް ވަނީ ޒަހަމްވެފަ އެވެ. މީގެ އިތުރުން ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އަށް ވެސް އަނިޔާވެގެން މިހާރު ވަނީ ސްޓްރެޗަރުގައި އޭޑީކޭ ހޮސްޕިޓަލަށް ގެންދަވައިފަ އެވެ.

މިރޭގެ ޖަލްސާ އަޑު އެހުމަށް ނޫސްވެރިންނާއި އާންމުން ވެސް ނުވައްދަ އެވެ.

މިއަދު ހެނދުނު ބާއްވަން އުޅުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު ބައެއް ސިޔާސީ ފަރާތްތަކުން ދުސްތޫރީ ހަމަތަކާއި އުސޫލުތައް މުގުރާލާ، ޑިމޮކްރަސީއާ ދުރަށް މިސްރާބު ޖަހާފައިވާކަމަށް ފެންނާތީ، ގާނޫނު އަސާސީ މެދުވެރިކޮށް ދައުލަތުގެ އެންމެހާ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ބުނެ، އެމްޑީޕީގެ 29 މެމްބަރަކު ހުށަހަޅައިގެން ބޭއްވި މަޖިލީހުގެ ދައުރުން ބޭއްވި ހާއްސަ ޖަލްސާ އެކެވެ.

އެ ޖަލްސާ މެދުކަނޑާލީ ދުންމާރި އާއި ކަށިގަނޑު ފުމެ، މަޖިލިސް ކުރާ ގޭތެރެއަށް ކުކުޅު ބިސް ޖަހައި އަދި މަޖިލީހުގެ ރައީސްގެ މައިކާއި ބައެއް މެމްބަރުންގެ މައިކްގެ އަދި މަޖިލީހުގެ މާލަމުގައި ހުރި ކެމަރާތަކުގެ ކޭބަލްތައް ބުރިކޮށްލުމުންެނެވެ. ކަށިގަނޑު ފުމުނު މެމްބަރުންގެ ތެރޭގައި އަބްދުއްރަހީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޚިޔާލު ފާޅުކުރޭ